<!-- --><!-- --><style type="text/css">@import url(http://www.blogger.com/css/navbar/classic_rtl.css); div.b-mobile {display:none;} </style> </head><body><script type="text/javascript"> function setAttributeOnload(object, attribute, val) { if(window.addEventListener) { window.addEventListener("load", function(){ object[attribute] = val; }, false); } else { window.attachEvent('onload', function(){ object[attribute] = val; }); } } </script> <iframe src="http://www.blogger.com/navbar.g?targetBlogID=5348796725063625358&amp;blogName=%DE%91%DE%83.+%DE%82%DE%A8%DE%94%DE%A7%DE%8A%DE%B0%DE%8E%DE%AC+%DE%87%DE%AE%DE%82%DE%B0%DE%8D%DE%A6%DE%87%DE%A8%DE%82%DE%B0+%DE%86%DE%B0%DE%8D%DE%A8%DE%82%DE%A8%DE%86%DE%B0&amp;publishMode=PUBLISH_MODE_HOSTED&amp;navbarType=BLACK&amp;layoutType=CLASSIC&amp;homepageUrl=http%3A%2F%2Fdhivehi.niyaf.com%2F&amp;searchRoot=http%3A%2F%2Fdhivehi.niyaf.com%2Fsearch" marginwidth="0" marginheight="0" scrolling="no" frameborder="0" height="30px" width="100%" id="navbar-iframe" title="Blogger Navigation and Search"></iframe> <div></div>

ބުރަކަށީގެ ދެ ބަދަ ދޭތެރެޔަށް ކަށި ޖަހައިގެން ފެން ނެގުން

1.4.08



ބައެއް ބަލިބަލި ހޯދައިގަތުމަށް ތަހުލީލު ކުރުމަށްޓަކައި ބުރަކަށީގެ ދެ ބަދަދޭތެރޭގެ ޖާގައަށް ޙާއްޞަ ކައްޓެއް ޖަހައިގެން ފެނަންގެއެވެ. ޒަމާނީ ބޭސްވެރިކަމުގެ ޢިލްމުގެ އަލީގައި މިގޮތަށް ނެގޭފެން ފޮދު ޓެސްޓުކޮށްގެން މެނުވީ ހޯދައި ނުގަނެވޭ ބަލިބަލި ހުންނަކަން ސާބިތުވެއެވެ. މިފަދަ ބަލިތަކުގެ ތެރޭގައި ވަކިން ޙާއްޞަކޮށް "މެނިންޖައިޓިސް" ފާހަގަ ކޮށްލަމެވެ. މީގެ އިތުރުންވެސް ޒަމާނީ ބޭސްވެރިކަމުގައި ހޭނެއްތުމަކާއި ނުލައި،އައްސި ކޮށްގެން ކުރެވޭ ބަޔެއް އޮޕަރޭޝަނަށް އައްސި ކުރުމްށް ވެސް މިގޮތަށް ކަށި ޖެހެއެވެ. މިގޮތަށް ކަށިޖެހުމްށް "ލަމްބަރ ޕަންޗަރ" ކިޔައެވެ.

މިގޮތަށް ކަށިޖަހަނީ ކޮންނޮން ހާލަތްތަކެއްގައިތޯއެވެ؟
• ސިކުޑިއާއި ސިކުޑި ވަށްއިގެންވާ ފަށަލަތަކގައި އިންފެންޝަން އެއް ހުރިތޯބެލުމަށް ޓެސްޓު ކުރުމަށް ފެންނެގުން (މިގޮތުން ފާހަގަ ކޮށްލެވޭ ބައެއް ބަލި ބަލި: މެނިންޖައިޓިސް، ޓޮކްސޯޕްލަސްމޯސިސް، އެންކެފަލައިޓިސް).
• އޮޕަރޭޝަނަކަށްޓަކައި ފޫޅުންތިރި އައްސި ކުރުމަށް ކަށިޖަހައިގެން އައްސި ކުރާ ބޭސް ދިނުން.
• ބައެއް ބާވަތް ބާވަތުގެ ކެންސްރު، އެވައްތަރަކުން ސިކުޑީގެ ފަށަލައަކަށް އަސަރުކުރާކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި، އޭގެ އަސަރެއްހުރިތޯ ބެލުމަށް ޓެސްޓު ކުރުން.
• ސިކުޑިވަށައި ހުންނަ ފެންފަށަލައިގެތެރޭ ފެންގިނަވާން ދިމާވާ ބެއެއް ބަލި ބަލީގައި، ވަގުތީގޮތުން ފެން މަދިކުރަންޖެހޭ ހާލަތްތަކުގައި ފެންނެގުން.

މިގޮތަށް ކަށިޖަހައިގެން އެ ނެގެނީ ކޮންފެނެއްތޯއެވެ؟
ސިކުޑިއެތެރޭގައާއި ސިކުޑިވަށައިގެންވާ ފަށަލައެއްގައި ޙާއްޞަ ފެނެއް ހުރެއެވެ. މިގޮތުން ސިކުޑީގެ އެތެރޭގައިވާ ފެންހުންނަ ޖާގަތަކާއި ސިކުޑީއާއި މައިނާރުގެ ވަށައިގެންވާ ފެންފަށަލައާއި ވާނީ ސީދާގޮތެއްގައި ގުޅިފައެވެ. ތަސްވީރުން ތިޔަފެނިވަޑައިގަންނަވަނީ މިދެންނެވި ތަންތަނެވެ.
ބުރަކަށީގެ ދެ ބަދަދޭތެރެއިން ޖާގައަކަށް ކަށިޖަހައިގެންނެގޭ ފެނަކީ ސިކުޑިއާއި ސިކުޑި ވަށައިގެންވާ ޙާއްޞަ ފަށަލައަކުން އުފައްދާ ޙާއްޞަ ދިޔައެކެވެ.

ކަށި ޖަހަނީ ކިހިނެއް އަދި ފެން ނަގަނީ ކިހިނެއް؟

މިކަމަކީ ވަރަށް ރައްކާތެރި ގޮތެއްގައި މިކަމަށް ތަމްރީނު ލިބިފައިވާ ޑޮކްޓަރުން ހައްދަވާދެއްވާނެ "ޕްރޮސީޖާ" އެކެވެ. މިގޮތުން އެއްއަރިއަކަށް ބަލިމީހާ ބާއްވައިގެން ނުވަތަ ބުރަކަށި ދިއްވާގޮތަށް ބައިންދާލައިގެން، ކަށިޖެހުމަށް ފާހަގަކުރެވޭ ޕޮއިންޓާއި ވަށައިގެންވާ ހަމުގެ ސަރަހައްދު ޙާއްޞަ ގޮތެއްގައި ޖަރާސީމުގެ އަސަރެއްކުރުން ދުރުކުރުމަށްޓަކައި ސާފުކޮށް، ކުރިން ފާހަގަ ކުރެވިފައިވާ ބުރަކަށީގެ މައިބަދައިގެ ދެބަދަ ދޭތެރޭގައިވާ ކަށި ނެތް ޖާގައަށް މިކަމަށް ޙާއްޞަ ކުރެވިފައިވާ ކައްޓެއް ޖަހާ ފެންފަށަލައާއި ހަމައަށް ކަށީގެ ކޮޅު މަޑުމަޑުން ވައްދައިގެން އެފަށަލައިން ފެން ނަގައެވެ.
ފެންނެގުމަށް ކަށިޖެހުމުގެ ކުރިން ކަށިޖަހާނެ ސަރަހައްދު އައްސި ކުރުމަށް ޙާއްޞަ ޖެލްއެއް އުގުޅިދާނެއެވެ، ޏުވަތަ އެސަރަހައްދުގެ ހަން އައްސިކުރުމަށް އިންޖެކްޝަނެއްވެސް ޖެހިދާނެއެވެ.
ފެންފަށަލައަށް ކަށީގެ ކޮޅު ފޯރުމުން ކށީގެ އެތެރޭގައިވާ ހިމަ ހޮޅިއެތެރެއިން އަންނަފެން ފޮދު އެކަމަށް ޙައްޞަ ކުރެވިފައިވާ ފުޅި ނުވަތަ ދަޅަކަށް ވަރަށް ރައްކާތެރިކަމާއި އަދިއެހާމެ ސާފުތާހުރު ކަމާއެކު ނެގެއެވެ. ޢާންމު ގޮތެއްގައި ނެގެނީ ވަރަށް މަދު ފެންފޮދެކެވެ.

މިގޮތަށް ކަށިޖަހައިގެން ފެންނެގުމުން ލިބޭ ގެއްލުންތަކެއް ހުރޭތޯއެވެ؟
މިކަމަކީ ވަރަށް ރައްކާތެރިކަމާއި އެކު މިކަމަށް ތަމްރީނު ލިބިފައިވާ ޑޮކްޓަރަކު ކުރައްވައިފިނަމަ އެކަމުން ގެއްލުމެއްވުން ނާދިރު ކަމެކެވެ. އެހެންނަމަވެސް މަދުމަދުން ނަމަވެސް ދިމާވެދާނެ ކަންކަން ފާހަގަ ކޮށްލަމެވެ.
• ފެންނަގަން މަސައްކަތްކުރެވި ފެންނެގޭގޮތް ނުވުން. މިއީ ވަކިން ޙާއްޞަކޮށް ވަރަށް ތުއްތު ކުދިންގެ ދިމާވެދާނެ ގޮތެކެވެ. ރައްކާތެރިކަމާއި އެކު ފެންނެގުން ދަތިވާ ހާލަތުގައި އެވަގުތަށް ފެންނެގުމުގެ މަސައްކަތް ހުއްޓާ ލައްވާނެއެވެ. އަދި ފަހުން ފެންނެގުމަށް ޕްލޭން ކުރެވިދާނެއެވެ.
• ގިނަވެގެން 3 ފަހަރުމަތިން މަސައްކަތްކޮށްގެން ކަށި ރަގަޅަށް ޖެހެންވާ ޖާގައަށް ނުޖެހޭނަމަ އެވަގުތަށް ފެންނެގުމުގެ މަސައްކަތަ ހުއްޓަވާލައްވާނެއެވެ. ގިނަފަހަރު މަތިން ކަށިޖެހިއްޖެނަމަ ކަށި ހެރުނު ސަރަހައްދު ކުޑަކޮށް ދުޅަވެ ކުރު މުއްދަތަކަށް އެހިސާބުގައި ރިއްސާގޮތް މެދުވެރިވެދާނެއެވެ.
• ކަށިޖެހުމުގައި މައިބަދައިގަ ކަށީގެ ތޫނު ކޮޅު ނުޖެހިވޭތޯ ޑޮކްޓަރު މަސައްކަތް ކުރައްވާނެއެވެ. އެހެންނަމަވެސް ކަށިޖެހުމަށް މަސައްކަތް ކުރެވެމުންދާ ވަގުތު ބަލިމީހާއަށް ގެނެވޭ ކުއްލި ހަރަކާތަކުން ނުވަތަ އެނޫންވެސް ސަބަބަކާ ހެދި ކަށީގެ ތޫނު ކޮޅު މައިބަދައިގަ ޖެހި މައިބަދައިގެ ކައްޓަށް ކުޑަ އަނިޔާއެއް ވެދާނެއެވެ. މިހެން ދިމާވެއްޖެނަމަ ކުރު މުއްދަތަކަށް އެ ކަށީގައި ރިހުމެއް ހުރެދާނެއެވެ.
• ފެންނެގުމަށް ކަށިޖެހުމަށް ކަޑައަޅަނީ ބުރަކަށީގެ އެތެރޭގައިވާ މައިނާރުގެ އެންމެ ތިރީކައިރިޔަށް ވުރެ ތިރީގެ ދެބަދައެއްގެ މެދުން ފާހަގަ ކުރެވޭ ހުސްޖާގައަކަށެވެ. މައިނާރަށް އަނިޔާއެއްވެދާނެފަދަ ހިސާބަކަށްކަށި ނުޖައްސަވާނެއެވެ. އެހެންނަމަވެސް އެފަދަ އަނިޔާއެއް ވެއްޖެ ހާލަތެއްގައި ބުރަކަށީގެ ސަރަހައްދެއް ކުރު ނުވަތަ ދިގު މުއްދަތަކަށް އައްސިވެ ނުވަތަ އިހުސާސް ކެޑޭގޮތް ވެދާނެއެވެ.
• ސިކުޑި އެތެރޭގެ ފެނަހުންނަ ޖާގައެއްގައި އާދަޔާ ޙިލާފަށް ޕްރެޝަރް އިތުރުވެފަ ވާނަމަ ފެން ނުނަންގަވާނެއެވެ. ތުއްތު ކުއްޖެއްނޫންނަމަ މިފަދަ ކަމެއްހުރިތޯ ބެލުމަށް ވަކިން ޙާއްޞަ ގޮތެއްގައި ބަލިމީހާ ޗެކް ކުރެވޭނެއެވެ. އެހެންނަމަވެސް މިފަދަ ހާލަތެއްމެދުވެރިވެފައިވާ ދަޑިވަޅެއްގައި ފެންނެގުމަށް ކަށިޖެހިއްޖެނަމަ ވަރަށް ކުއްލި ގޮތެއްގައި ބަލިމީހާގެ ލޭގެ ޕްރެޝަރު ދަށްވެ، ހިތުގެ ހިގުން ބަދަލުވެ ނޭވާ ލުމަށް ދަތިވެދާނެއެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. ވަރަށް މަދުންނަމަވެސް މިއީ އެކިއެކި ޤައުމު ތަކުގައި ދިމާވެފައިވާ ކަމެކެވެ.
ފެންނަގަން ކޮންމެހެން ޖެހޭ ބަލިބައްޔަކީ އޭގެއަމިއްލަ ޒާތުގައި ބޮލުގަ ރިހުން، ނާރުތަކުގެ ނުވަތަ ވަކިނާރެއްގެ ބާރުދެރަވުން، ފިޓު ޖެހުން، ބުއްދިޔަށް އަސަރުކުރުން، އަދި މިނޫންވެސް ސިކުޑިއާއި ގުޅުންހުރި ކުދި ބޮޑު އެކިއެކި ކަންތައްތައް ބަލީގެ ކުޑަ ބޮޑު މިނުން ދިމާވެދާނެ ބަލިބައްޔެވެ. ބައްޔަށް އެކަށީގެންވާ ފަރުވާ ލިބުމަށްނަގާ ވަގުތާއި، ފަރުވާ ފެށުނުނަމަވެސް ބަލި ކޮންޓްރޯލުވެ ރަގަޅުވާން ނަގާ މުއްދަތުގައި، މިފަދަ ބަލިބަލީގައި އެކިވަރުގެ ގެއްލުން ލިބިދާނެއެވެ.
މަދުމަދުންނަމަވެސް އާނަމުންގެ ތެރޭގައާއި ބޭސްވެރިކަމުގެ ދާއިރާގައި އުޅުއްވިނަމަވެސް އެކަމުގެ މައުލޫމާތު މަދު ބޭބޭފުޅުން މިގޮތަށް ބަލިން ލިބޭ، ނުވަތަ ލިބިފައިވާ ގެއްލުންތަށް ފަރުވާކުރުމުން، ނުވަތަ ފަރުވާކުރުމަށް ކުރެވުނު ކަމަކުން ވީކަމެއްގޮތަށް މާނަކުރައްވައެވެ. މިއީ ވަރަށް ދެރަކޮށް ދިމާވާ ކަމެކެވެ. އެހެނީ މިކަހަލަ ވާހަކަތަކުގެ ސަބަބުން މިފަދަ މުހިންމު އަދި ބޭނުންތެރި ޕްރޮސީޖަރްއެއް އާންމުން ބަލައި ނުގަނެ، ބަލި ރަގަޅު ގޮތުގައި ހޯދައިގަނެ އެކަމަށް އެންމެ އެކަށޭނަ ފަރުވާ ދިނުމަށް ޑޮކަޓަރުންނަށް ދަތިވާގޮތް އެބަވެއެވެ.
މިކަމުގެ ހައްލެއްކަމުގައި މިކަންކަމާ ބެހޭ ސާބިތު މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުން އެއީ ވަރަށް މުހިންމުކަމެއްކަމުގައި ދެކެމެވެ.

ނެގޭފެން ޓެސްޓު ކޮށްގެން ލިބޭނީ ކޮނަ މައުލޫމާތެއްތޯއެވެ؟

• އިންފެކްޝަނެއް ހުރިނަމަ އެކަމާބެހޭ މައުލޫމާތު ލިބެއެވެ. އަވަސް ގޮތެއްގައި އިންފެކްޝަން ހުރިތޯ ނުވަތަ ނެއްތޯ ހޯދެއެވެ. އަދި އިންފެކްޝަނެއް ހުރިނަމަ ކޮން ކަހަލަ ޖަރާސީމަކުންތޯ ހޯދައިގަނެއެވެ. ވަކިން އެ ޖަރާސީމު ފެނި އެސާފު ކުރުމަށް ދޭނެ ބޭހެއް ހޯދިދާނެއެވެ. މި ފަހު ނަތީޖާ އަކީ ތަންކޮޅެއް ލަހުން ލިބޭނެ މައުލޫމާތެކެވެ.
• ކެންސަރުގެ އަސަރެއް ހުރިތޯ ބެލުމަށް ޓެސްޓު ކުރާނަމަ އެފަދަ ސެލްއެއް ފެނުނުތޯ ނުވަތަނޫންތޯ ހޯދިދާނެއެވެ.
ބަލި އެންގި އެބައްޔަށް ޙާއްޞަ ފަރުވާ ދިނުމަށް ޓެސްޓުގެ ނަތީޖާއިން އެހީތެރިވެދެއެވެ.

އިތުރު މައުލޫމާތު ބޭނުންފުޅުނަމަ ޑޮކްޓަރާއި ސުވާލު ކުރައްވާށެވެ. ބޭނުންފުޅުވާ މައުލޫމާތު ލިބިގަތުމަކީ ބަލިމީހާއާއި ބަލިމީހާގެ ކަންތައްތަކާއި ހަވަލުވެ ހުންނެވި އެހީތެރިއެއްގެ ހައްޤެކެވެ.



1.4.08